ހުޅުމާލޭގައި ހިންގި މާރަމާރީއެއްގައި 2 މީހަކަށް އަނިޔާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ) އަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މަޢުލޫމާތުދޭގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކި ބިމުގެ ސަރަޙައްދުގައެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މީގެ ތެރެއިން ޒަޚަމްވި 34 އަހަރުގެ މީހަކީ އިސްމާޢީލް ޢަބްދުއްރަޙީމް ކަމަށް ވަނީ އެނގިފައެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ޙާލުވެސް ސީރިއަސްއެއް ނޫނެވެ. މީގެ ތެރެއިން 21 އަހަރުގެ މީހާ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން 2022 ވަނަ އަހަރުގެ ޖޫން މަހު އިސްމާޢީލް ހައްޔަރުކުރިއެވެ. އަދި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދަޢުވާއެއް ދައުލަތުން އޭނާގެ މައްޗަށް އުފުލިއެވެ.

ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އެ ދަޢުވާތައް ބޭރުކޮށްލާފައެވެ. އޭރު އޭނާ ހުރީ ފައިގައި ޓެގް އަޅުވައި މޮނިކޮން އަމުރެއްގެ ދަށުން ދޫކޮށްލާފައެވެ. އިސްމާޢީލް އެޗްޑީސީގެ ޑިރެކްޓަރެއްގެ މަޤާމަށް އައްޔަންކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް