ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙްކުރުމަށް ދަރަވަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަޙްމަދު ވަޙީދުގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އެ ރަށުން ޕާސްޕޯޓަށް އެދި ފުރަތަމަ ހުށަހެޅި ދެ ފަރާތަކަށް ވަނީ ޕާސްޕޯޓް ޙަވާލުކޮށްފައެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތަށް އެދޭ ފަރާތްތަކުން "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޕާސްޕޯޓް ނަގާނެ ތަނެއްގެ ގޮތުގައި މިހާރު އޭދަފުށީގެ އިތުރުން ދަރަވަންދޫ ވެސް އިޚްތިޔާރު ކުރެވޭނެއެވެ. މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް ނިންމާފައެވެ. އަދި ޚިދުމަތަށް އޮންނަ ޑިމާންޑަށް ބަލައި، އިތުރު ރަށްރަށުގައި ވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ދަރަވަންދޫއަކީ އެއަރޕޯޓެއް އޮންނަ، ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށް ވުމާއެކު، މި ޚިދުމަތުގެ ސަބަބުން އެ ރަށާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ޕާސްޕޯޓް ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.




