ބައެއް މާއްދާތައް ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

ސްކޫލްތަކުގައި ދިވެހި ބަހާއި އިސްލާމް ދީނުގެ އިތުރުން ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް ސަރުކާރުން ނިންމަވައި، އެކަމާ ގުޅޭ ތައްޔާރީތައް ފައްޓަވައިފިއެވެ.

އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ރޭ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ މަންހަޖު މުރާޖަޢާކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ސްކޫލްތަކުގައި ބޭނުންކުރަމުންދަނީ 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރެކެވެ. ނަމަވެސް، ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއި، ވޭތުވެދިޔަ މުއްދަތުގައި ދަރިވަރުންގެ ނަތީޖާއަށް ރިއާޔަތްކުރާއިރު، މި މުގައްރަރު އިސްލާހުކޮށް ޒަމާނާ އެއްގޮތަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި މާއްދާއާއި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު މިހާރަށްވުރެ އިތުރުކުރުން. މީގެ އިތުރުން ދަރިވަރުން އެކި ބަސްބަހަށް އަހުލުވެރިކުރުވުމަކީވެސް މި ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އުންމީދަކީ އަންނަ އަހަރުގެ ތަޢުލީމީ އަހަރު ފެށޭއިރު، ކީ-ސްޓޭޖް 1 (ގްރޭޑް 1، 2 އަދި 3) ގެ ދަރިވަރުންނަށް މި އާ ބަދަލުތަކާއެކު ކިޔަވައިދޭން ފެށުމެވެ. މި ބަދަލުގެ ސަބަބުން ދަރިވަރުންގެ އަސާސީ ހުނަރުތަކާއި، ގައުމިއްޔަތާއި ދީނަށް އޮންނަ ލޯބި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ގަބޫލުކުރެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް