މިފްކޯއިން މަސްގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްގަންނަ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، ދިވެހި މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން، އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ދާއިމީކޮށް ކަނޑާލުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަންނެލި މަސްވެރިންނަށް އެންމެ ފައިދާހުރި އަގެއް ހޯދައިދެވޭނީ މިފްކޯއިން އަލުން ކަންނެލި ގަންނަން ފަށައިގެން ކަމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި މަސްވެރިންނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މަސްވެރިކަމުގެ ދާއިރާއަށް ގެންނަ މި ބަދަލުތަކާއެކު، މަސްވެރިންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ސިނާއަތުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.




