އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައިކޯޓުގެ އަޑުއެހުމެއްގައި: --

ސީލައިފް ގްލޯބަލްއިން ފްލެޓް ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފްލެޓް ނުދީ ޚިޔާނާތްތެރިވި މައްސަލާގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ އިސްތިއުނާފު އަޑުއެހުން މިއަދުވެސް ކެންސަލްވެއްޖެއެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހަށް ތާވަލުކުރި މި މައްސަލައިގެ އަޑުއެހުން ކެންސަލްވި ވަކި ސަބަބެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މިއީ މި މައްސަލައިގެ އަޑުއެހުމެއް މިފަހުން ކެންސަލްވި ދެވަނަ ފަހަރެވެ. އެންމެ ފަހުން ބާއްވަން ތާވަލުކުރި އަޑުއެހުންވެސް ވަނީ އެކި ސަބަބުތަކާހުރެ ކުރިއަށް ނުގެންދެވި ކެންސަލްވެފައެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ 42 ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިދިޔަ މަހުއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމަކީ ތިން ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ ދިގު އަޑުއެހުމެކެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އާއި، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ އިތުރުން ފަނޑިޔާރު ޢަބްދުލްމާނިއު ޙުސައިންއެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަނީޒްއެވެ.

ސީލައިފްގެ ފްލެޓްތަކަށް ފައިސާ ދެއްކި 280 އަށްވުރެ ގިނަ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލުގައި، އެޗްޑީސީ މެދުވެރިކޮށް ސަރުކާރުން ވަނީ ބަދަލު ދީފައެވެ. އަދި އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ގޯސް ނިންމުމެއް ކަމަށް ބުނެ ދައުލަތުން ދަނީ ހައިކޯޓުގައި ވަކާލާތު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް