ބޭރުގެ އީ-ކޮމާސް މުޢާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސައްކަތް ފަށައިފިއެވެ.
ބޭންކުން ބުނި ގޮތުގައި މި މަސް ނިމުމުގެ ކުރިން މި ބަދަލުތައް ތަންފީޒުވެ، ކަސްޓަމަރުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުމަށް ހުރި ދަތިތަކާއި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އުފުލުމުގެ ސަބަބުން، ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑިމާންޑް ބޮޑުވެ، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުޢާމަލާތްތައް ކުރުމުގައި ބީއެމްއެލްއިން ވަނީ މީގެ ކުރިން ހިފެހެއްޓުންތަކެއް ގެންގުޅެފައެވެ. ނަމަވެސް، މި ގޮންޖެހުންތަކަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ދެއްވާފައެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް (POS) މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުޢާމަލާތް ކުރެވެއެވެ. މީގެ އިތުރުން، އެއާލައިން ޓިކެޓް، ހޮޓާ ބުކިން އަދި ބޭސްފަރުވާގެ ޚަރަދުތަކަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، އެންމެ ފަހުން ގެނައި ބަދަލަށްފަހު މިހާތަނަށް ލިމިޓްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް، ބޭސްފަރުވާ އާއި ތަޢުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ބޭންކުގެ ފަރާތުން އިތުރު އެހީތެރިކަމާއި ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދެމުން ގެންދާނެ ކަމަށް ޤައުމީ ބޭންކުން ބުނެއެވެ.




