ހުޅުމާލޭގެ ފްލެޓެއްގައި ހުރި ފެންކައްކާ ޖަގަކުން (އިލެކްޓްރިކް ކެޓަލް) އަލިފާން ރޯވެ، ދުމުގެ އަސަރުކުރި ހަ މީހަކަށް ފަރުވާދިނުމަށްފަހު، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
އެމް.އެން.ޑީ.އެފުން މަޢުލޫމާތު ދިން ގޮތުގައި، ހުޅުމާލެ ފޭސް 1 ގެ 141 ވަނަ ފްލެޓުގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ހުރި ފެންކައްކާ ޖަގަކުން އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 04:32 ހާއިރުއެވެ. މި ހާދިސާގެ ޚަބަރު ލިބުމާއެކު ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ސިފައިންނަށް އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 04:58 ހާއިރުއެވެ.
މި ހާދިސާގައި ބަދިގޭގެ ބައެއް ތަކެއްޗަށް ގެއްލުންވެ، މުޅި ގޭތެރެއަށް ދުން ފެތުރުމުގެ ސަބަބުން އެ ގޭގައި ތިބި ހަ މީހަކަށް ވަނީ ދުމުގެ އަސަރުކޮށްފައެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ފްލެޓުގައި ދިރިއުޅޭ އެއް އާއިލާއަކަށް ނިސްބަތްވާ ހަ މީހުންނަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.



