މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ކުކިން ގޭހުގެ އަގު ބޮޑުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ވިޔަފާރިތަކަށް ކަމަށްވާއިރު، އާންމު ގޭބިސީތަކަށް ގޭސް ވިއްކާ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މޯލްޑިވް ގޭހުން އަގުތަކަށް ބަދަލު ގެނެސްފައިވަނީ ރިސޯޓުތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ ބާވަތްތަކުންނެވެ. އެގޮތުން، ވިޔަފާރިތަކުން އެންމެ ގިނައިން ބޭނުންކުރާ 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 25 އިންސައްތަ ބޮޑުކޮށްފައެވެ. މި ބަދަލާއެކު، 45 ކިލޯގެ ފުޅިއެއްގެ އާ އަގަކީ 1،314 ރުފިޔާއެވެ.

މީގެ އިތުރުން 22 ކިލޯގެ ގޭސް ފުޅީގެ އަގަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 22 ކިލޯގެ ފުޅިއެއްގެ އަގު 15 އިންސައްތަ ބޮޑުކޮށްފައިވާއިރު، މިހާރު އެ ފުޅިއެއް ލިބޭނީ 500 ރުފިޔާއަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގޭހުގެ އަގުތައް މުރާޖައާކުރަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. މި ހާލަތުގެ ސަބަބުން ގޭސް ސަޕްލައި ހޯދުމުގައި ދަތިތަކާ ކުރިމަތިވެ، ރާއްޖެއަށް ގޭސް އިމްޕޯޓްކުރުމަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ކުންފުނިން ވިޔަފާރިތަކަށް ވިއްކާ އަގު ބޮޑުކުރި ނަމަވެސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބުރަ ނުވާނޭހެން ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގު ކުރިއެކޭ އެއްގޮތަށް ހިފެހެއްޓުމަށް މޯލްޑިވް ގޭހުން ވަނީ އިސްކަންދީފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް