"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ބައިލައްކައަށްވުރެ ގިނަ ރައްޔިތުން ކުރިމަތިލައިފިއެވެ.
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު ރޭގެ ނިޔަލަށް ހަމަވެފައިވާއިރު، ފޯމު ހުށަހަޅާ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވަނީ މެންދަމު 2:00 އާ ހަމައަށް ފުރުސަތު އިތުރުކޮށްދީފައެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ފުރުސަތުގައި ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ހުޅުމާލެ އާއި ވިލިމާލޭގައި ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބީ.ޔޫ.ސީ.ޖީ އާ ހަވާލުކޮށްގެން 1،190 ޔުނިޓެއްގެ މަސައްކަތް ކުރިއަށްދާއިރު، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި 364 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ މޮޑަލްގެ ދަށުން 3،800 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ނިންމާފައިވާއިރު، މި ބޮޑު މަޝްރޫއު 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސަރުކާރުގެ އުންމީދަކީ މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ގިނަ އާއިލާތަކަކަށް ރައްކާތެރި އަދި ތަނަވަސް ބޯހިޔާވަހިކަމެއް ކަށަވަރުވެގެން ދިއުމެވެ.



