ވަން ޕްރިޒަން ކޮންސެޕްޓްގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށްގެންދިޔަ ތަފާތު ކޯސްތައް ނިންމި ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ވަން ޕްރިޒަން ކޮންސެޕްޓްގެ މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި އިންފްރާސްޓްރަކްޗާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައިދީން އެ ޕްރޮގްރާމްތަކުގައި ހޭދަކުރާ މުއްދަތަކީ އެމީހުންގެ ޖަލު ހުކުމުން އުނިކުރެވޭނެ ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއަދަކީ ވަރަށް އުފާވެރި މުނާސަބަތެއް. ޖަލުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމުގެ އަސްލު މަގްސަދަކަށް ވާންޖެހޭނީ، އެމީހުން ޖަލަށް އައި ހާލަތުގައި އަނބުރާ މުޖުތަމައަށް ދޫކޮށްލުމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޖަލަށް ގެނެވޭ ކޮންމެ މީހަކީ ޖަލުން މިނިވަންވެގެންދާއިރު މުޖުތަމައަށް ބޭނުންތެރި، އާއިލާއާއި ރައްޔިތުން އިހްތިރާމްކުރާނެ ފަދަ ލާއިގު މީހަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.




