ނަމާދު ވަގުތުތަކުގައި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމުގެ އުސޫލެއް ސްޕޯޓްސް މިނިސްޓްރީން އެކުލަވާލަނީ

ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ނަމާދު ވަގުތުތަކަށް އިޙްތިރާމްކުރުމުގެ ގޮތުން، ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓަށް ހަރަކާތްތައް ހުއްޓާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މި ނިންމުން ތަންފީޒުކުރާނެ ރަސްމީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް އެ މިނިސްޓްރީން ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، ނަމާދު ވަގުތަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އަދި ރޭވިފައިވާ މުބާރާތްތައް ހިންގުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، އައު އުސޫލު ފާސްވެ އާންމުކުރެވެންދެން، އެސޯސިއޭޝަންތަކުން ހިންގާ ރަސްމީ މުބާރާތްތައް މި ވަގުތަށް އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ސްޕޯޓްސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޚާއްޞަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤްވާމީ މުބާރާތްތަކުގެ ޤަވާއިދުތަކާ ފުށުނާރާނެހެން މި ސިޔާސަތު ތަންފީޒުކުރުން ކަމަށެވެ.

"ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަލައި، އެ ކަންކަމާ އެކަށޭނެ ގޮތަކަށް އުސޫލު ފަރުމާކުރަން ޖެހޭ. އޭގެ އިތުރުން، ކުޅިވަރު ކުޅޭ ސަރަޙައްދުތަކުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މިހާރު ދަނީ ރޭވުންތައް ރާވަމުން،" އޮފިޝަލް ވިދާޅުވިއެވެ.

މި ސިޔާސަތަކީ ކުޅިވަރުގެ މައިދާނުގައި ވެސް ދީނީ ކަންކަމަށް އިސްކަންދީ، އަދަބުވެރި އަދި އަޚްލާޤީ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް