އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމް އަޅާތީ ކުނާވަށި ރިސޯޓު ޖޫރިމަނާކޮށްފި

ވ. ކުނަވަށީގައި ތަރައްޤީކޮށްފައިވާ ރިސޯޓުގައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީ.އައި.އޭ) ފުރިހަމަނުކޮށް ސީޕްލޭން ޕްލެޓްފޯމެއް އެޅި މައްސަލާގައި، އެ ރިސޯޓު ހިންގާ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އިޢުލާނެއްގައި ބުނެފައިވަނީ، ކުނަވަށި ރިސޯޓު ހިންގާ ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި އަދި ކަނޑައެޅިފައިވާ ޤާނޫނީ މަރުޙަލާތައް ފުރިހަމަނުކޮށް ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު، "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދު" ގެ ދަށުން، މިފަދަ ކުށެއް ފުރަތަމަ ފަހަރަށް ކުރުމުން ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށްވާ 20،000 ރުފިޔާ ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

އީ.ޕީ.އޭ އިން އިތުރަށް ބުނެފައިވަނީ، މި ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި "ބަނޑޭރިޕޭ" މެދުވެރިކޮށް ދައުލަތަށް ދައްކައި ޚަލާޞްކުރަންޖެހޭނެ ކަމަށެވެ. މީގެއިތުރުން، އެ ރިސޯޓުގައި ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަސައްކަތެއް، ތިމާވެށީގެ ޤަވާއިދުތަކާ އެއްގޮތަށް މަރުޙަލާތައް ފުރިހަމަކުރުމަށްފަހު މެނުވީ ކުރިއަށް ނުގެންދިއުމަށް ސީ.ޖޭ.އެލް އިންވެސްޓްމެންޓަށް ވަނީ ހަރުކަށިކޮށް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގެ ފަޅުފަޅާއި ތިމާވެއްޓަށް ބަދަލު އަންނަ ފަދަ އެއްވެސް މަސައްކަތެއް ކުރަންވާނީ އީ.އައި.އޭ ހަދައި، އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ކަށަވަރުކުރުމަށްފަހުގައެވެ. މިފަދަ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފަހަކަށް އައިސް އީ.ޕީ.އޭ އިން ދަނީ ފިޔަވަޅު އަޅަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް