އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުން ކުރިއަށްދަނީ

އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު، އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެވެ. މި ގަރާރު ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅީ އެމްޑީޕީގެ ސެކްރެޓޭރިއެޓުންނެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ޖެހޭ މުއްދަތު އިތުރުކޮށް، ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މީގެ އިތުރުން، ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރާ މުވައްޒަފުންނާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކިކުރުމާއި ދުރު ރަށްރަށަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުންކުރާ ފަރާތްތަކަށް ސިޔާސީ ދައުވާތައް ކުރަމުންދާކަންވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

މިރޭ ފާސްކުރި ގަރާރުގައި މައިގަނޑު ތިން ކަމަކަށް ވަނީ ނިންމާފައެވެ. އެއީ ރަށު ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރުމާއި، ވަޒީފާއިން ވަކިކުރުމާއި ސިޔާސީ ދައުވާތަކާ ދެކޮޅަށް މި ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމެވެ. މީގެ އިތުރުން، މިފަދަ އަނިޔާތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ޕާޓީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ވަނީ މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް