ޕޭޕަލް ރާއްޖެ ތައާރަފްކުރި ރަސްމިއްޔާތުގެ ތެރެއިން ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު ސައީދު

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު އާ ހިސާބަކަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، މި ސަރުކާރުން ކުރި ބުރަ މަސައްކަތްޕުޅަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް މުޢިއްޒަކީ ރާއްޖެ މިއަދު މިދެކޭ ބޮޑު ޑިޖިޓަލް ބަދަލުގެ އަސްލު "ޗެމްޕިއަން" ކަމަށެވެ.

ދުނިޔޭގެ މަގުބޫލު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް "ޕޭޕަލް"ގެ ޚިދުމަތް އުރީދޫ ފިންޓެކްއާ ގުޅިގެން ރާއްޖެއަށް ރަސްމީކޮށް ތައާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ރައީސްގެ ހަރުދަނާ ސިޔާސަތުތަކާ ނުލައި މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލުނުކުރެވުނީސް ކަމަށެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުރީދޫގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" އާ ގުޅުވައިގެންނެވެ. މިއީ ރާއްޖޭގެ ފްރީލާންސް މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލިބިގެންދިޔަ ބޮޑު ހައްލެކެވެ.

މި މަޝްރޫޢުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ:

  • 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ޕޭޕަލްއާއެކު ރަސްމީ މަޝްވަރާތައް ފަށައި، ރާއްޖޭގެ "ކަންޓްރީ ޕްރޮފައިލް" އާއެކު ވަށާޖެހޭ ޕްރޮޕޯސަލްއެއް ހުށަހެޅިފައިވާ ކަމަށެވެ.
  • މި ޚިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ރާއްޖޭގެ ރެގިއުލޭޓަރީ ފްރޭމްވޯކް ނުވަތަ މާލީ ގަވާއިދުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
  • ޕޭޕަލްގެ ރާއްޖޭގެ ލޯކަލް އިމްޕްލިމެންޓޭޝަން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިގެންދިޔައީ މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒް ކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. މީގެ ސަބަބުން ދިވެހި ޒުވާނުންނަށް ބައިނަލްއަގުވާމީ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެންދާނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް