އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުސްވެފައިވާ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަންފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވާފައިވަނީ މުޙައްމަދު ޝަކީލް (ދަފްތަރު ނަންބަރު ރސ. 13449) އެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ޝަކީލްގެ ނަންފުޅުގެ އިތުރުން، އެ މަޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް ދިރާސާކުރުމަށްޓަކައި ވަނީ ފޮނުއްވާފައެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މުހިންމު ޒިންމާތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 3 ޑިސެމްބަރު 2014 އިން 9 މޭ 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން 1 ސެޕްޓެމްބަރު 2013 އިން ފެށިގެން އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި ފުއާދު ތައުފީޤުގެ ދައުރު ހަމަވުމާ ގުޅިގެންނާއި، އަދި ކޮމިޝަންގެ މެންބަރު މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ.
ޝަކީލްގެ ނަންފުޅު ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން ނަން ދިރާސާކޮށް ނިންމުމުން، އޭނާ އެ މަޤާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނެއެވެ.




