ގދ. އަތޮޅު ކައުންސިލްގެ ތަޖުރިބާ 3 ދަތުރަކަށް 1.9 މިލިއަން ރުފިޔާ

ގދ. އަތޮޅު ކައުންސިލުން އުސޫލުތަކާ ޚިލާފަށް ކުރި ތިން ތަޖުރިބާ ދަތުރަކަށް 1.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކުރި "ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް" ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީއާއި ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓްރީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މި ޚަރަދުތައް ކޮށްފައިވާ ކަމަކަށް ނުބެލެވެއެވެ.

މި ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، ކައުންސިލްގެ 9 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ސްރީލަންކާއަށް ކުރެއްވި ދަތުރަކަށް 894,082 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްގެ 17 މުވައްޒަފަކު ލަންކާއަށް ކުރި އެހެން ދަތުރަކަށް 306,848 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިކަމަށް ދިމާވެފައިވާ "ޓާރޯ ލީފް" ބަލީގެ މައްސަލައަށް ހައްލު ހޯދުމަށާއި ލޯކަލް ޓޫރިޒަމް ދިރާސާކުރުމުގެ ނަމުގައި 10 ބޭފުޅުން ތައިލެންޑަށް ކުރި 13 ދުވަހުގެ ދަތުރަކަށް 723,936 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ތައިލެންޑް ދަތުރުގައި އެ ގައުމުގެ ދަނޑުވެރިކަމާ ބެހޭ އެއްވެސް ރަސްމީ އިދާރާއަކާ ނުވަތަ ރިސާޗް ސެންޓަރަކާ ބައްދަލުކުރިކަމުގެ އެއްވެސް ހެއްކެއް ފެންނާން ނެތް ކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަންވެސް އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުރީ އަހަރުތަކުން ފެށިގެން ލިބެންޖެހޭ 833,070 ރުފިޔާ ނުލިބިވާ އިރު، އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރު ކައުންސިލްގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް އިތުރަށް ދެވިފައިވާ 233,018 ރުފިޔާ ހޯދުމަށް އޮޑިޓް އޮފީހުން ތަކުރާރުކޮށް ލަފާދީފައިވީ ނަމަވެސް، އެ ފައިސާ ހޯދުމަށް އެދެވޭ މަސައްކަތެއް ކޮށްފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް