ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ، ރާއްޖޭގައި ލޭ ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ތެލެސީމިއާ ކުދިންގެ ފަރުވާއަށް ބުރޫއަރަމުންދާ ވަގުތެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ދަނީ އާންމުންގެ އެހީތެރިކަމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ލޭ ހަދިޔާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ލޭ ލިބުމުގެ ދަތިކަން ކުރިމަތިވަނީ އަބަދުވެސް ވަކި ބަޔަކު ލޭ ހަދިޔާކުރަން ޖެހުމުގެ ސަބަބުންނެވެ. އެހެންކަމުން، ސިއްހަތު ސލާމަތުން ތިބި ވީހާވެސް ގިނަ ފަރާތްތަކަކުން ލޭ ހަދިޔާކުރުމުގެ މުހިންމުކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ގާއިމުކޮށްފައިވާ މި ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، ބަލިމީހުން ބައިތިއްބާފައިވާ ވޯޑުތަކާއި، ލޭ ހަދިޔާކުރާ ސަރަހައްދުގެ އިތުރުން ލެބޯޓްރީ އާއި ޕޭޝަންޓް ކެއާ ސެންޓަރުގެ މަސައްކަތްތައް ހިނގާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި އެ ތަނުގެ މިހާރުގެ ހާލަތާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ ހަރުދަނާކޮށް، އެ ކުދިންނަށް ބޭނުންވާ މާލީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު، ޑރ. އަބްދުﷲ ޚަލީލް އާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމެވެ. މީގެ އިތުރުން، ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



