ކަސްޓަމްސްއިން އާންމުކުރި ދިރާސާ ރިޕޯޓުގައިވާ ގޮތުން، ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަނޑުމަގުން މުދާ ފޮނުވުމުގައި އެވްރެޖްކޮށް ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓެވެ. މިއީ މުދާ އެކްސްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި ލަސްވުންތައް ދެނެގަތުމަށް ކުރެވުނު ދިރާސާއެއްގެ ނަތީޖާއެވެ.
މި މަރުހަލާގެ ތަފްސީލަށް ބަލާއިރު، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި 6 މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވާއިރު، އޮފް-ޝޯ ރިކުއެސްޓާއި އެޕްރޫވަލްގެ ކަންކަމަށް ގާތްގަނޑަކަށް 3 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން ރިޕޯޓުން ހާމަވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް 1 ދުވަހާއި 9 ގަޑިއިރާއި 35 މިނެޓު ހޭދަވެއެވެ. އަދި ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް 1 ދުވަހާއި 13 ގަޑިއިރާއި 57 މިނެޓު ހޭދަވެއެވެ.
ކަސްޓަމްސްއިން ފާހަގަކުރި ގޮތުގައި މުޅި މި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް 2 ދުވަހާއި 12 ގަޑިއިރާއި 3 މިނެޓު ހޭދަވެއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ބޭރުކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




