މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަގާމު ކަމަށްވާ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކުރީގައި އުޅުއްވައިފިއެވެ.
ވާދަވެރި ކެމްޕެއިނަކަށްފަހު މިއަދު ބޭއްވި މި އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މިއަދު މެންދުރުފަހު 14:30 އިން މިރޭ 20:30 އާ ހަމައަށް ކުރިއަށްދިޔަ ވޯޓުލުމަށްފަހު، މިހާތަނަށް ގުނާފައިވާ ގިނަ ފޮށިތަކުން ރައީސް ނަޝީދު ވަނީ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ. މުޅި ރާއްޖޭގައި ބެހެއްޓުނު 241 ވޯޓު ފޮށީގެ ތެރެއިން، އަތޮޅުތެރޭގެ ރަށްތަކާއި މާލޭގައި ބެހެއްޓި ފޮށިތަކުންވެސް ރައީސް ނަޝީދު ކުރި ހޯއްދަވާފައިވާކަން ފާހަގަކުރެވެއެވެ.
މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ބާރުތައް ވަޒަންކޮށްލެވުނު މުހިންމު އިންތިޚާބެކެވެ. މީކާއީލް އަހުމަދު ނަސީމް މި އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާއެކުގައެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތާއީދެއް އޮތީ އަލުން ޕާޓީއާ ގުޅިވަޑައިގެންނެވި ރައީސް ނަޝީދަށްކަން ވަނީ ހާމަވެފައެވެ.
އެމްޑީޕީގެ އިދާރާއިން ދަނީ ރަށްރަށުން ލިބޭ ނަތީޖާތައް އެއްކޮށް، ވަގުތީ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމަށް ތައްޔާރުވަމުންނެވެ. މި މަގާމަށް އިންތިޚާބުވާ ބޭފުޅަކު ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް ޒިންމާތައް އުފުއްލަވާނެއެވެ.




