ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ފޯރުކޮށްދޭ ޕްރައިމަރީ މެޑިކަލް ކޮލިފިކޭޝަނަކީ، އިނގިރޭސިވިލާތުގެ މެޑިކަލް ސަނަދުތަކުގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ، ބައިނަލްއަޤުވާމީ ފެންވަރުގެ ސަނަދެއްކަން އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލް (ޖީއެމްސީ) އިން ކަނޑައަޅައިފިއެވެ.
އެމްއެންޔޫ އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި، ކިޔަވައިދޭ ފެކަލްޓީތަކުގެ އިތުރުން މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ތާރީޚީ އަދި ފަޚުރުވެރި ކާމިޔާބީއެކެވެ. ޖީއެމްސީގެ މި ނިންމުމާއެކު، އިނގިރޭސިވިލާތުގައި ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ހަދަންޖެހޭ "ޕްލެބް" އިމްތިޙާނުގައި ބައިވެރިވުމަށް އެމްއެންޔޫގެ ދަސްވެނީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މީގެ ކުރިން، ރާއްޖޭގެ މެޑިކަލް ދަރިވަރުންނަށް އެ ފުރުޞަތު އޮންނަނީ ކޮންމެ ދަރިވަރަކީ ވަކިވަކިން އެސެސްކުރުމަށްފަހުގައެވެ. ނަމަވެސް، ޖީއެމްސީގެ ރަސްމީ ލިސްޓުގައި އެމްއެންޔޫ ހިމެނުމާއެކު، މިހާރު ދަރިވަރުން ވަކިވަކިން އެސެސްކުރުމުގެ ބަދަލުގައި، ސީދާ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިކަމަށްޓަކައި ޔުނިވަރސިޓީގެ ފަރާތުން ގިނަ ލިޔެކިޔުންތަކެއް ހުށަހަޅައި، ޖީއެމްސީގެ ފަރާތުން ހަރުދަނާ ދިރާސާތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް އެމްއެންޔޫގެ މެޑިކަލް ސަނަދު ރަސްމީކޮށް ބަލައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ޑީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޑޮކްޓަރީކަން ކިޔަވައިދޭން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ސްކޫލުން މިހާތަނަށް ތިން ބެޗެއްގެ ދަރިވަރުން ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވާއިރު، އެ ދަރިވަރުން މިހާރު ދަނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި އިންޓާންޝިޕް ފުރިހަމަކޮށް، ޚިދުމަތް ދެމުންނެވެ. މި ބައިނަލްއަޤުވާމީ ކުރިއެރުމާއެކު، ދިވެހި ޑޮކްޓަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޢުލީމާއި ތަމްރީނު ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.



