އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތަށް، އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން އިތުރު 30 މިނެޓު އިތުރުކޮށްފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ކުރިން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށެވެ. ނަމަވެސް، އިންތިޚާބާ ބެހޭ ކޮމިޓީގެ ނިންމުމާއެކު މިހާރު ވޯޓުލުން ކުރިއަށްދާނީ ރޭގަނޑު 20:30 އާ ހަމައަށެވެ.
މި ފަހަރުގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
ސިޔާސީ ގޮތުން މި އިންތިޚާބަށް ބަލާއިރު، ރައީސް ނަޝީދަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ފެކްޝަނުގެ ތާއީދު އޮތްއިރު، މީކާއީލްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި އިދާރީ ކަންކަން ރާވާ އިންތިޒާމުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވާ ފަރާތެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ ޗެއާޕާސަންގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި؛ ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު މުއާމަލާތްކުރުމާއި، ޕާޓީގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުމުގެ އިތުރުން، ޕާޓީގެ ކޮންގްރެސް، ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން ހިމެނެއެވެ.



