ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުން-- ފޮޓޯ: ހައުސިން މިނިސްޓްރީ

މަރާމާތުގެ ބޮޑު މަޝްރޫއަކަށްފަހު، މާލޭ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ފެން ދައުރުވުން ރަނގަޅުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، މޫދަށް އެރޭ ސަރަހައްދުގެ އުތުރު ފަރާތުގެ ފެންހިންދާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކުރިން ޖަހާފައިވާ ހިލަތޮށި ނެގުމަށްފަހު، ފެން ދައުރުވާނެހެން ކަލްވާޓްތަކަކާއެކު އަލުން ހިލަތޮށި ވަނީ ޖަހާފައެވެ. މިއީ އެ ސަރަހައްދުގެ ލޮނުގަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތްތައް ނިމިފައިވާ ގޮތް ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެމް.ޓީ.ސީ.ސީގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޫދަށް އެރޭ ސަރަހައްދުގެ މަރާމާތުގެ އިތުރުން، އެ ތަން ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްގެން އިތުރު ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އާންމު ފާޚާނާބަރިއަކާއި، ފެން މާގަނޑުތަކުގެ އިތުރުން މީހުންގެ ތަކެތި ރައްކާކުރާނެ ލޮކަރުގެ ހިދުމަތް ހިމެނެއެވެ.

ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މާދަމާ ހެނދުނުން ފެށިގެން ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ހުޅުވާލުމާއެކު، އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ. މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރުމަށް ބޭނުންކުރާ އެންމެ މަގުބޫލު އެއް ސަރަހައްދެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް