ލޮކް ކޯޑު ނުދިނުމުން ޝަމްއާން ފޯނެއް ނުބެލުނު، ތަހުގީގަށް ނުފޫޒެއް ނެތް: ފުލުހުން

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ފޯނުގައި ހުރި ކަމަށް ބުނާ ކޮރަޕްޝަންގެ ހެކިތަކެއް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ .

ޝަމްއާން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ ކޯޓާ ވިއްކުމުގެ މުއާމަލާތްތަކެއް ހިންގަވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް މި ތުހުމަތުތައް ދޮގުކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މިކަމުގައި ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ.

ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ހުކުމާ ގުޅިގެން ޝަމްއާން ކުރައްވާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި ގޮތަކަށް ބަޔާން ދިނުމަށް އެއްވެސް މީހަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، ކޯޓުގެ ނިންމުމެއް މުރާޖައާކުރަންޖެހޭ ކަމަށް ދެކޭނަމަ، ގާނޫނީ ގޮތުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގުގެ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ތަހުގީގުގެ ނިންމުންތަކާ މެދު ސުވާލު އުފައްދައި، ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް