ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މި މަހުގެ 28 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައީސް އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، އެ އޮފީހުގެ ރަސްމީ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެން، ދެން އެ މަގާމަށް އައްޔަންކުރެއްވި ހަސަން ޒަރީރު މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މީރާގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބޭފުޅެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް