ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޞާދިގު (ސޯބެ)، މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، ޞާދިގު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފޯރިގަދަ އިންތިޚާބު ޞާދިގު ކާމިޔާބުކުރެއްވީ 1,375 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ.
ޞާދިގު ހުވާކުރެއްވުމާ އެކު، މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް އިތުރުވާނެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު ތިއްބަވަނީ 74 މެންބަރުންނެވެ.
ޞާދިގު ހުވާކުރެއްވުމަށް ހަމަޖެހިފައިވާ ހޯމަ ދުވަހަކީ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްވެސް ތާވަލުކޮށްފައިވާ ދުވަހެވެ. މި ހަފުތާގައި ޖަލްސާތައް ފަށާނެ ކަމަށް ކުރިން ބުނި ނަމަވެސް، އިދާރީ ސަބަބުތަކަށްޓަކައި ޖަލްސާތައް ވަނީ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުޙައްމަދު ސިނާން (ސިނާ) ގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، ސިނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީގެ މޭޔަރުކަންވެސް ތިން ދައުރެއްގައި ކުރައްވާފައިވާ ޞާދިގު މަޖިލީހަށް އިންތިޚާބުވުމަކީ އައްޑޫގައި އެމްޑީޕީއަށް އޮތް ތާއީދު އަދިވެސް ވަރުގަދަކަން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.



