ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ރާއްޖެއަށް ވައިގެ މަގުން އައި ފަސިންޖަރެއްގެ އަތުންނެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 8.49 ކިލޯ (8490 ގްރާމް) ހުރި އިރު، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ދެއްކި ގޮތުގައި މި ތަކެއްޗަކީ 'ހަޝިޝް އޮއިލް' އެވެ.
ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، މިކަމުގައި ޝާމިލްވާ މީހުންގެ ވަކިވަކި ތަފްސީލުތަކެއް ނުވަތަ މިއީ ކޮން ގައުމަކުން އައި ބައެއްކަން ކަސްޓަމްސްއިންނާއި ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަހަކަށް އައިސް ރާއްޖެއަށް އެތެރެވާ ބައެއް ބޭރު ގައުމުތަކުގެ ޒުވާނުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، އިންޑިއާއިން އަންނަ ބައެއް ޒުވާނުން މިފަދަ މައްސަލަތަކުގައި އަތުލައިގަނެވެމުންދާއިރު، އޭގެ ތެރެއިން ބައެއް މީހުން ތަހުގީގުގައި ބުނަމުންދަނީ އެމީހުން ރާއްޖެއަށް ދަތުރުކުރީ ގުރުއަތަކުން ހޮވިގެން ލިބުނު "ހިލޭ ދަތުރެއްގައި" ކަމަށެވެ. މިއީ މަސްތުވާތަކެތި އެތެރެކުރުމަށް ބޭނުންކުރާ އާ އުކުޅެއް ކަމަށް ބެލެވޭތީ، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމަށް އިތުރަށް ސަމާލުވަމުންނެވެ.
މި މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އިތުރަށް ތަހުގީގު ކުރަމުންނެވެ.




