މީގެ ކުރިން ގަވައިދާ ހިލާފަށް ހިންގި ކާބޯތަކެތީގެ ވިޔަފާރިއަކުން ތައްޔާރުކޮށްފަައިވާ ތަކެތި-- ފޮޓޯ: އިމިގްރޭޝަން

ދިވެހިރާއްޖޭގައި އުފައްދާ، އިމްޕޯޓްކުރާ އަދި އެކްސްޕޯޓްކުރާ ކާބޯތަކެތި ލޭބަލްކުރުމުގައި އޮޅުވާލުންތަކެއް ހުރިނަމަ، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އާންމުކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުކުރި "ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދު" ގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުފައްދާ އަދި ބޭރުން އެތެރެކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތައް ބަޔާންކުރުމެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމުގެ އިޖުރާއަތްތައްވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން ހިމެނެއެވެ. ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެ ކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް އެ ފަރާތަކަށް ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، ފުރަތަމަ ފަހަރުވެސް އެންމެ ބޮޑު އަދަދުން ޖޫރިމަނާކުރުމުގެ ފުރިހަމަ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ކަނޑައަޅާފައިވާ މައިގަނޑު ފިޔަވަޅުތަކަކީ:

  • ކާބޯތަކެތީގެ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން ވިއްކައިފިނަމަ: 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. މީގެ އިތުރުން ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުން ނުވަތަ ރަޖިސްޓްރީ ބާތިލުކުރުން.'
  • ލޭބަލްކުރުމުގެ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ: 10,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • ތަކުރާރުކޮށް ގަވާއިދާ ހިލާފުވުން: ފަސް ފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް އޮންނާނެއެވެ.
  • ކާބޯތަކެތި ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވުން: މިފަދަ ހާލަތްތަކުގައިވެސް ގަވާއިދުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅުތައް އެޅޭނެއެވެ.

މި އާ ގަވާއިދުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ހުރި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުބާރު ހުރި މައުލޫމާތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް