ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްލަވައިގަތް ކަމަށް ތުހުމަތުކުރެވޭ ދެ ޕެންޓްހައުސްގެ މިލްކުވެރިކަމަށް ބަދަލެއް އަތުވެދާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން މި އަމުރު ނެރުނީ، ބައްސާމް މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ހައިކޯޓުގެ އަމުރުގައިވާ ގޮތުން، އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ދެ ޕެންޓްހައުސްގެ މިލްކުވެރިކަމާ ގުޅޭ އެއްވެސް މުއާމަލާތެއް ހިންގުމަކީ މަނާކަމެކެވެ.
އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތުނުވި ނަމަވެސް، މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރެވުނު ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާތައް ވަނީ ސާބިތުވެފައެވެ.
އެގޮތުން، ބައްސާމްގެ މައްޗަށް ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 44 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، އެފްއޭއެމްއަށް ދައްކަންޖެހޭ 1.2 މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭގައި އަދާކުރުމަށްވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް އަމުރުކޮށްފައެވެ.



