ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތުގެ ބިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރަނީ. - ފޮޓޯ/އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި މިސްކިތް ބިނާކުރެވިގެންދާނީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ޚާއްސަ މިއުޒިއަމަކާއި، ދީނީ އަދި އިލްމީ އެހެނިހެން މުހިއްމު ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް