ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސާދަށް ގެންނަވަމުންދާ ބަދަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ، ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތަކެއް ކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި، 2022 އަދި 2023 ވަނަ އަހަރު ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ބަނގުރޫޓުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ހާލަތުގެ ނުރައްކާތެރިކަމުން ބައެއް ފަރާތްތަކުން މަސްއޫލިއްޔަތު އުފުލަން ޖެހިލުންވި ނަމަވެސް، ރައީސް މުއިއްޒު ނިންމެވީ އައިއެމްއެފްގެ ޕްރޮގްރާމެއްގެ އެހީއާ ނުލައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެއްސެވުމަށެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ދަރަނި ނުދެއްކޭނެ ކަމަށް ބުނަމުންދިޔަ ދަނޑިވަޅެއްގައި، ރައީސްގެ ހިތްވަރުގަދަ ނިންމެވުންތަކާއެކު މިހާތަނަށް އެއް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކުރެވިފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.
"ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި ދެއްކި އެއްވެސް ސަރުކާރެއް މީގެ ކުރިން ރާއްޖެއަކު ނެތް،" ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަވަށްޓެރި ގައުމުތަކުގެ އިގްތިސާދު ދަށަށް ދިޔަ ހާލަތެއްގައި ވެސް ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވީ ރައީސް ގެންގުޅުއްވި ހަރުދަނާ ޕްލޭންގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ފިޗް ރޭޓިންގްގައި ރާއްޖެއަށް ލިބުނު ކުރިއެރުމަކީ ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ވެސް ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުގެ ފުރިހަމަކަން ހާމަކޮށްދޭ ހެއްކެއް ކަމުގައި ޒަމީރު ވިދާޅުވިއެވެ.
"ހަނގުރާމައިގެ މިދަތި ހާލުގައިވެސް ރައީސް ގެންގުޅުއްވި އިޤްތިޞާދީ ސިޔާސަތު ރަނގަޅުވުމުން ނޫންތޯ ޕިޗުން މިވަރުގެ ރޭޓިންއެއް ރާއްޖެއަށް ދިނީ. ރައީސްގެ ވެރިކަމުގައި ގެންނެވި އިޤްތިޞާދީ ބަދަލުތަކަކީ ދުނިޔޭގައިވެސް ބަލައިގަންނަ ރާއްޖެގެ ރައްޔިތުންނަށް ވަރަށް ފައިދާ ހުރި ޕޮލިސީއެއް" ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.




