އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ހުންނެވި ބޭފުޅާގެ ޝަރަފު ނަރެންދުރާ މޯދީ ހޯއްދަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުވެގެން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް މޯދީ ވެވަޑައިގަތުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމަށްޓަކައި ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ. އަދި އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރަން ރާއްޖެއިން އުންމީދުކުރަނީ، އެއް ޤައުމުން އަނެއް ޤައުމުގެ ސިޔާދަތީ ހަމަހަމަކަމަށް އިޙްތިރާމްކޮށް، ރާއްޖޭގެ މަޞްލަޙަތުތައް ރައްކާތެރިކުރެވޭ ފަދަ އުސޫލެއްގެ މަތިން ކަމަށެވެ.
އިންޑިއާގެ ތާރީޚުގައި އިންތިޚާބުވެގެން އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ ރެކޯޑު މޯދީ މުގުރާލެއްވީ އިއްޔެއެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވާތާ އިއްޔެއަށް 3،399 ދުވަސް ވަނީ ހަމަވެފައެވެ. މީގެކުރިން މި ރެކޯޑު އޮތީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ އަތްޕުޅުގައެވެ. އެއީ 3،398 ދުވަހެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯދީ ހޯއްދެވި މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ވެރިން ދަނީ އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވަމުންނެވެ. މޯދީގެ ޒަޢާމަތުގައި އިންޑިއާގެ އިޤްތިޞާދަށާއި އިޖުތިމާޢީ ދާއިރާއަށް ބޮޑެތި ބަދަލުތަކަކާއި ކުރިއެރުންތަކެއް ވަނީ އައިސްފައެވެ.



