ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާ ގޮތަށް، އެ އިދާރާގެ ހިންގާ ބޯޑުން އައު އުސޫލެއް ކަނޑައަޅައިފިއެވެ.

މި އުސޫލުގެ ދަށުން، ބޯޑަށް މެންބަރުން އައްޔަންކުރަންޖެހޭ ކޮންމެ ފަހަރަކު "ނޮމިނޭޝަން ކޮމިޓީ" އެއް އެކުލަވައިލަން ޖެހެއެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ:

  • ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން
  • ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފެއް.
  • މިނިސްޓްރީ އޮފް ފައިނޭންސްގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް.
  • އިޖުތިމާޢީ ރައްކާތެރިކަމާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފެއް.
  • ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފެއް.

އައު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކޮމިޓީގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުންނަކީ މަދުވެގެން ޑިރެކްޓަރު ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި ތިއްބެވި ބޭފުޅުންނަށް ވާންޖެހޭނެއެވެ.

ނޮމިނޭޝަން ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް:މި ކޮމިޓީގެ އެންމެ މުހިންމު ޒިންމާއަކީ ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ ވަޒަންކުރުމެވެ. މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބަލައި، ކަނޑައެޅޭ މިންގަނޑުތަކެއްގެ ދަށުން އިންޓަވިއު ކުރުމަށްފަހު، ބޯޑަށް އައްޔަންކުރަން އެންމެ އެކަށީގެންވާ ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެއެވެ.

މި ބަދަލަކީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ މަރުޙަލާ މިހާރަށްވުރެ ހާމަކަން ބޮޑު، އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް