ކޯލިޝަނަކާ ނުލައި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ: ނަޝީދު

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް އެކަނި ނުކުމެ ކާމިޔާބު ކުރެވޭނެ ކަމަށާއި، ނަމަވެސް އެހެން ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ހިއްސާއާއި މަގާމުތައް ބަހާލާ ގޮތަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވޭނީ އެހެން ޕާޓީތަކާ ގުޅިގެން ކޯލިޝަނެއް ހަދައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޞާލިޙު ގަބޫލުކުރައްވާ ގޮތުގައި، ހަމައެކަނި އެމްޑީޕީގެ މެންބަރުންގެ ވޯޓުން އިންތިޚާބު ކާމިޔާބު ކުރުމަކީ ދަތި ކަމެކެވެ. އެހެންކަމުން، އެމްޑީޕީގެ ފިކުރާ ގުޅޭ އެހެން ޕާޓީތަކާއެކު އިއްތިހާދުވުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ސަރުކާރުގެ ބޮޑެތި މަގާމުތަކާއި ހިންގުމުގެ ބާރުތައް އެހެން ބަޔަކަށް ދޫކޮށްލުމަކީ އެމްޑީޕީން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑު ގުރުބާނީއެއްވާ ޕާޓީގެ އާންމު މެންބަރުންނަށް، އެ ކާމިޔާބީގެ ފޮނިމީރުކަން ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ގާބިލުކަން އެބައޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް ޞާލިޙު އެކުލަވައިލެއްވި ކޯލިޝަން ސަރުކާރުގައި، އެހެން ޕާޓީތަކަށް ގިނަ ފުރުސަތުތަކެއް ދެއްވާފައިވާތީ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި މައުޟޫޢުގައި ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުން ދޭހަވަނީ، ކުރިއަށް އޮތް އިންތިޚާބަށް އެމްޑީޕީން ގެންގުޅޭނެ ސްޓްރެޓެޖީއާ މެދު ޕާޓީގެ އެތެރޭގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ކަމެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް