'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާއަށް އެ ދެ ބޭފުޅުން މިއަދު ޝަރީއަތުގައި އިންކާރު ކުރައްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ދެ ނޫސްވެރިންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިފަހައްޓާފައެވެ.
މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށްފަހު، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ދައުވާ ސާފުކޮށްދީފައެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ދެ ބޭފުޅުންވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެހެންކަމުން، މައްސަލައިގެ ދެން އޮންނަ މަރުހަލާއަކީ ދައުލަތާއި ދިފާއުން ހެކި ހުށަހެޅުމެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެތަނުން ބައެއް ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ތަކެތީގެ ޕާސްވޯޑް ދިނުމަށް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، ނޫސްވެރިކަމުގެ މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އެ ނޫހުން ވަނީ ޕާސްވޯޑް ހިއްސާނުކުރުމަށް ނިންމާފައެވެ.




