ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާ ދިނުމުގެ ދާއިރާއިން (ނިއޯނޭޓޮލޮޖީ) ސުޕަ-ސްޕެޝަލައިޒްވެވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. މުހައްމަދު ފައިސަލް، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިދުމަތް ކުރައްވަން ފައްޓަވައިފިއެވެ.
މިކަން ހާމަކުރައްވައި އައިޖީއެމްއެޗުން ބުނީ، ޑރ. ފައިސަލް އެ ހޮސްޕިޓަލުގެ ޓީމާ ގުޅިވަޑައިގަތުމަކީ ދުވަސްނުފުރާ ވިހާ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު އިތުރަށް މަތިވެ، ހިދުމަތްތައް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. އެ ހޮސްޕިޓަލުން މިހާރު ވަނީ ޑރ. ފައިސަލަށް ދެއްކުމަށް އެޕޮއިންޓްމަންޓް ބުކް ކުރުމުގެ ފުރުސަތުވެސް އާންމުންނަށް ހުޅުވާލާފައެވެ.
ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ޑރ. ފައިސަލް، ނިއޯނޭޓޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި އެ ދާއިރާގެ ހާއްސަ ހިދުމަތްތަކެއް ދެއްވުމަށްފަހު އައިޖީއެމްއެޗާ ގުޅިވަޑައިގަތުމަކީ މާލޭގެ ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގައި ދުވަސްނުފުރާ ވިހާ ކުދިންނަށް ފަރުވާދޭ އެންމެ ވަސީލަތްތައް ގިނަ އަދި އެންމެ ބޮޑު "ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް" (އެންއައިސީޔޫ) ހުންނަނީ އައިޖީއެމްއެޗްގައެވެ. މި ދާއިރާއިން ތަމްރީނުވެފައިވާ ދިވެހި ޑޮކްޓަރަކު އެ ޔުނިޓާ ގުޅިވަޑައިގަތުމާއެކު، ނާޒުކު ހާލަތްތަކުގައި އުފަންވާ ކުދިންނަށް ދޭ ފަރުވާގެ އިތުބާރު ބޮޑުވެ، ހޮސްޕިޓަލުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ދެކެވަޑައިގަންނަވައެވެ.
ޑރ. ފައިސަލަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެއްވާ، ގިނަ ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.




