ރާއްޖޭގެ އެންމެ ހުޅަނގަށް އޮންނަ ހދ. މަކުނުދޫގައި އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މަކުނުދޫ ފަޅުން ބިން ހިއްކުމާއި އެއާޕޯޓް ބިނާކުރުމުގެ ބިޔަ މަޝްރޫއު ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ގައެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން، ރަށުގެ ތަރައްގީއާއި އެހެނިހެން ބޭނުންތަކަށް 22 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މަކުނުދޫ އެއާޕޯޓްގެ މަސައްކަތް ނިމުމުން އެ ތަން ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކުރިން މި އެއާޕޯޓްގައި އެޅުމަށް ނިންމާފައިވަނީ 1500 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރުން މިހާރު ވަނީ ރަންވޭގެ ދިގުމިން 1800 މީޓަރަށް ބޮޑުކުރުމަށް ނިންމާފައެވެ.
އެމްޓީސީސީން މިހާރު ކުރިއަށްގެންދާ އަމަލީ މަސައްކަތްތަކުގެ ތެރޭގައި ފަޔާ ސްޓޭޝަން އިމާރާތްކުރުމާއި، ސަރަހައްދު ސާފުކޮށް ބިން ކޮނުމުގެ މަސައްކަތްތައް ހިމެނެއެވެ.
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައީ ކުރީގެ ސަރުކާރުގެ ދުވަސްވަރުއެވެ. އެ ފަހަރު ކްރޮސް ސަބްސިޑީ އުސޫލުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް ކުންފުންޏާއެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތުން ފެށިގެން ހުރައާ ދެމެދު 43.12 ހެކްޓަރުގެ ބިން ހިއްކައި، އެ ސަރަހައްދު ހިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.




