މޫސުން ގޯސްވުމާ ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން އެދިއްޖެ

މޫސުން ގޯސްވުމާ ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވުމާ ގުޅިގެންނެވެ.

ފުލުހުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ކަނޑު ދަތުރަށް ފުރުމުގެ ކުރިން ސަމާލުވުމަށް އަންގައިފައެވެ. މިގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށާއި، އުޅަނދުން ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅައިގެން ތިބުމަށާއި، އެމަރޖެންސީ ހާލަތުގައި ގުޅާނެ ނަންބަރުތައް ފެންނާނޭހެން އުޅަނދުގައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިއަދު ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މިއަދު ހަވީރު 18:00 ގެ ނިޔަލަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ.

މި ދުވަސްވަރު އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ މިނެއްގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް