މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް އިން ފިނޭންސް ހާސިލުކުރައްވާފައިވާ ޒަރީރު މި މަޤާމަށް ޢައްޔަންކުރެއްވީ، ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އެކި މަޤާމުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޙަސަން ޒަރީރު ވަނީ ޕްރައިވެޓް ކުންފުނިތަކުގައިވެސް ގިނަ އަހަރުތަކެއް ޚިދުމަތްކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް