ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ ވަރުގަދަކަމާއި މާކެޓުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން އެ ބޭންކުގެ ރޭޓިން މަތިކޮށްފިއެވެ.
ފިޗުން ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއާ ޑިފޯލްޓް ރޭޓިންގް 'ސީސީސީ-' ގައި ކަނޑައަޅާފައިވާއިރު، ބޭންކުގެ ކުރިމަގު ނުވަތަ އައުޓްލުކް އޮތީ 'ސްޓޭބަލް' ކޮށެވެ. މީގެ އިތުރުން ބޭންކުގެ ލޯކަލް ކަރަންސީ ރޭޓިން ވަނީ 'ސީސީސީ+' އަށް މަތިކޮށްފައެވެ. މިއީ ދައުލަތުގެ ސޮވަރިން ރޭޓިންއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންއެއް ކަމަށްވުމީ، ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަކަން ހާމަވާ ކަމެކެވެ.
މި ރޭޓިން ބީއެމްއެލްއަށް ލިބިފައިވަނީ ރާއްޖޭގެ ސޮވަރިން ރޭޓިން 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައުލަތުން ކާމިޔާބުކަމާއެކު އަދާކުރުން ހިމެނެއެވެ. ހަމައެއާއެކު، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި، ފޮރިން ކަރަންސީއާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކަކީވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވުމަށް ބާރުއެޅި ކަންކަން ކަމުގައި ފިޗުން ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ބޭންކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން ބައިނަލްއަގުވާމީ މައިދާނުގައި މިވަނީ ކަށަވަރުވެފައެވެ.



