ފުލުހުންގެ ތަރުޖަމާނަކަށް އައްޔަން ކުރި އަލީ އާރިފް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަލީ އާރިފް މިއަދު އައްޔަންކުރައްވައިފިއެވެ.

ޢަލީ އާރިފް މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ފުލުހުންގެ އައު ތަރުޖަމާނު ޢަލީ އާރިފަކީ މިހާތަނަށް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީގެއިތުރުން، އޭނާ ވަނީ މީގެކުރިން ފުލުހުންގެ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމަންޓްގައިވެސް އިސް މަގާމުތަކެއް ފުރުއްވައި، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.

މަގާމުން ވަކިކުރެއްވި އަޙްމަދު ޝިފާން ތަރުޖަމާނުގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ 18 ފެބްރުއަރީ 2024 ގައެވެ. އެއިރު އޭނާ ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައެވެ. އޭގެ ހަތަރު މަސް ފަހުން، 7 ޖޫން 2024 ގައި ޝިފާން ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިއެރުން ހޯއްދަވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތަރުޖަމާނުގެ މަގާމުން ވަކިކުރެއްވުމަށްފަހު، ޝިފާނަށް މިހާތަނަށް އެހެން އެއްވެސް ޒިންމާއެއް ހަވާލުކޮށްފައެއް ނުވެއެވެ.

ޝިފާން ތަރުޖަމާނުގެ މަގާމުން ވަކިކުރައްވާފައި މިވަނީ، އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހަޅާފައިވަނިކޮށެވެ.

ނަމަވެސް، އޭނާ މި މަގާމުން ވަކިކުރެއްވީ ސީދާ އެ މައްސަލައާ ގުޅިގެން ކަމެއް ރަސްމީ އިދާރާއަކުން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް