މި ފަހަރުގެ އަޟްޙާ ޢީދު ބަންދާ ދިމާކޮށް 7,000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ބޮޑު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކާއި ހަފުތާ ބަންދާއެކު ޖުމްލަ ނުވަ ދުވަހުގެ ދިގު ޗުއްޓީއެއް ލިބުނެވެ. މި ޗުއްޓީ ފެށުނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ބަންދަށްފަހު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް އަލުން ހުޅުވުނީ މެއި 31 ގައެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ރަސްމީ ހިސާބުތަކަށް ބަލާއިރު، މެއި 22 އިން މެއި 31 ގެ ނިޔަލަށް ޖުމްލަ 7,293 ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދަކަށް މީހުން ފުރާފައިވަނީ މެއި 23 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 1,586 ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރިއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފުރީ ބަންދު ފެށުނު މެއި 22 ވަނަ ދުވަހުއެވެ. އެ ދުވަހު 1,273 މީހަކު ރާއްޖެއިން ބޭރަށް ފުރިއެވެ.
ޢީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރި ދިވެހިންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ޢީދު ފާހަގަކުރާ ރަށްތަކަށް ދިއުމަށް ގިނަ ބަޔަކު ބޭނުންވުމުން، ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން ވަނީ ޑިމާންޑާ އެއްވަރަށް ފްލައިޓްތައް އިތުރުކޮށްފައެވެ.
މި ދުވަސްވަރު ދިވެހިން އެންމެ ގިނައިން ދަތުރުކުރި ޤައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ، ލަންކާ، ތައިލެންޑް އަދި މެލޭޝިއާ ހިމެނެއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި، ޗުއްޓީއަށްފަހު ގިނަ އަދަދެއްގެ ބަޔަކު އެނބުރި ރާއްޖެ އަންނަން ފެށުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އަދި ދަތުރުވެރިން "އިމުގާ" ފޯމު ފުރުމުގައި ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.



