ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވަކިކުރައްވައިފިއެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް ޝިފާން އައްޔަންކުރެއްވީ 18 ފެބްރުއަރީ 2024 ގައެވެ. އެއިރު އޭނާ ހުންނެވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައެވެ. އޭގެ ހަތަރު މަސް ފަހުން، 7 ޖޫން 2024 ގައި އޭނާ ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ކުރިއެރުން ހޯއްދަވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުންގެ އައު ތަރުޖަމާނަކު މިއަދު އައްޔަންކޮށް، އެކަން ރަސްމީކޮށް އިޢުލާނުކުރާނެއެވެ.
ޝިފާން ތަރުޖަމާނުގެ މަގާމުން ވަކިކުރައްވާފައި މިވަނީ، އޭނާއާ ގުޅޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހަޅާފައިވަނިކޮށެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރެއްވީ ސީދާ އެ މައްސަލައާ ގުޅިގެން ކަމެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.




