އައްޑޫ ސިޓީގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކުރާ އިތުބާރާއި ދޭ ލޯބި މިއަދުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށާއި، 2028 ވަނަ އަހަރު އަންނައިރު އައްޑޫ ސިޓީ ވެގެންދާނީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސާދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ފާހަގަކުރެއްވީ، އެމްޑީޕީގެ މުޅި ލީޑާޝިޕް އައްޑޫއަށް އަރައިގެން މަސައްކަތް ކުރި ނަމަވެސް، ހިތަދޫގެ ވޯޓުލީ މީހުން ސޯބެއަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސުންނާއި، މިހާރުގެ އިސްވެރިންގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ނުކުތް ނަމަވެސް، ތިން ދައުރު މޭޔަރުކަން ކުރެއްވި ސާދިގަށް ހިތަދޫގެ ފޮށިތަކުން ކުރިމަތިވީ ނާކާމިޔާބީއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ފެއިލްވެފައިވާކަން އައްޑޫ ރައްޔިތުން މިއަދު ސާބިތުކޮށްދީފި ކަމަށެވެ. އެމްޑީޕީން އައްޑޫއަށް އިހުމާލުވެފައިވާތީ، އެ ޕާޓީގެ ވެރިންނަށާއި ރައީސް ޔާމީނަށް އައްޑޫން ދެން ޖާގައެއް ނެތްކަން ރައްޔިތުން ހާމަކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮއްޓަކުން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ ސަރުކާރަށް އޮތް ތާއީދު ބޮޑުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ މަގުބޫލުކަން އައްޑޫގައި އިތުރުވަމުންދާ މިންވަރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައަށްދާއިރު އައްޑޫ ސިޓީ އޮންނާނީ ފުރިހަމައަށް ޕީއެންސީގެ ކޮންޓްރޯލްގެ ދަށުގައެވެ.



