ތިމާވެށި ހިމާޔަތްކުރަން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ހަރަދުކުރަނީ

ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް، މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާނުކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ވަސީލަތްތައް ނެތުން ކަމަށެވެ.

ޚާއްޞަކޮށް، ތިމާވެށީގެ މަޝްރޫއުތަކަށް އަހަރުން އަހަރަށް ޔަގީންކަމާއެކު ލިބޭނެ ބަޖެޓެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ މި ނިންމެވުމުގެ މައިގަނޑު މަގްސަދު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފައިސާއަކީ ތިމާވެށީގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން އާންމުކޮށް ކަނޑައަޅާ ފައިސާގެ އިތުރުން ޚަރަދުކުރެވޭނެ ފައިސާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ގްރީން ފަންޑުން ދެމުންދިޔަ އަހަންމިއްޔަތުކަން އިތުރަށް ހަރުދަނާވެ، މި މަސައްކަތްތައް އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފަންޑު މައިގަނޑު ގޮތެއްގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށާއި، އެ ސަރަހައްދުތަކުގައިވާ ގުދުރަތީ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށެވެ.

ރައީސް މުއިއްޒުގެ މި ނިންމެވުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތިމާވެށީގެ ދާއިރާގެ މާހިރުން ސިފަކުރައްވައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް