ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) ކާމިޔާބު ކުރައްވައިފިއެވެ
. މި އިންތިޚާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އެވެ.
ޖުމްލަ 4,121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގައި، މާލޭގައި ދެ ފޮށި އަދި ހިތަދޫގައި ފަސް ފޮށި ހިމެނޭހެން ޖުމލަ ހަތް ވޯޓު ފޮއްޓެއް ބެހެއްޓިއެވެ. މިއަދު ހަވީރު 5:00 ޖެހިއިރު ވޯޓުލުން ނިމުނުއިރު، 4:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62 އިންސައްތަ (2,563 މީހުން) ވަނީ ވޯޓުލާފައެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭގައި ބެހެއްޓި އެއް ފޮށި ފިޔަވައި، ދެން ހުރި ހުރިހާ ފޮށްޓަކުން ވެސް ކުރި ހޯއްދަވާފައިވަނީ ޢަބްދުﷲ ޞާދިޤެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުޙައްމަދު ސިނާން، އިސްލާމިކް ބޭންކުން ނެންގެވި 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކި މައްސަލައިގައި، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރިލް 12 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.





