އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ނެރެފައިވާ މޫސުމީ ރިޕޯޓުގައިވާ ގޮތުން، އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. މީގެ އިތުރުން، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ ދުވެއްޔަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ސަރަހައްދުތަކުގައި ކަނޑު އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑު އިތުރަށް ގަދަވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
މިހާރު ހިނގަމުންދަނީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ "މިއަހެލި" ނަކަތެވެ. މިއީ އާންމުކޮށް ވައި ބާރުވެ، ކަނޑުގަދަ ނަކަތެކެވެ. އިހުގެ ނަކަތްތެރިން ބުނާގޮތުގައި މި ނަކަތުގައި ސީދާ ހުޅަނގުން ބާރުމިނުގައި ވައިޖެހި، ދަތުރުފަތުރުކުރުމަށް ދަތިވާ މިންވަރަށް ކަނޑުތައް ގަދަވެއެވެ. މި ނަކަތުގައި ވައިގެ ބާރުމިން އާންމުކޮށް ހުންނަނީ ގަޑިއަކު 20.37 ކިލޯމީޓަރުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މި ދުވަސްވަރު މަސްވެރިކަން ދަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.



