ލޯކަލް ކައުންސިލް އިންތިިހާބުގެ ވޯޓުލުން ކުރިއަށް ދަނީ- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކޮށްފައެވެ. މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 4:00 އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި ޖުމްލަ 1,049 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ދ. މީދޫގައި ދެ ވޯޓުފޮށި އަދި މާލޭގައި އެއް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރަޖިސްޓްރީވެފައިވާ ތަންތަނަށް ބަލާއިރު، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، މި އިންތިޚާބުގައިވެސް ރަޖިސްޓަރީވެފައި އޮންނާނީ މާލެއަށެވެ.
މީގެ އިތުރުން، ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް