ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަޤާމުން ވަކިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން ވަކިކުރުމުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވެފައިވަނިކޮށް، ނާޒިމް ވަނީ އެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
އޭގެ ފަހުން، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި މި ނިންމުން އިޢުލާނު ކުރެއްވީ އެ ޕާޓީގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ.
ނާޒިމް މަޤާމުން ވަކިކުރުމަށް ޕީއެންސީގެ ހުރިހާ މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހަށް ހުށަހެޅި އެ ޤަރާރުގައި ބަޔާންކޮށްފައިވަނީ، ނާޒިމް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރެއްވުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަޙަތު ނަގާލުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.




