ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެއީ މާލޭގައި ހުންނަ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ.
މި ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްޤު ޖުމްލަ 4،121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި އިންތިޚާބަށްޓަކައި ޖުމްލަ 4،154 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ.



