ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި އައްޔަންކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމަކަށް ވަޒީރުންގެ ފެންވަރުގައި އައްޔަންކުރައްވައިފިއެވެ.

ނާޒިމް އައްޔަންކުރައްވާފައިވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ނާޒިމް ހިމެނިވަޑައިގަންނަވައެވެ.

މި ސަރުކާރުގެ ފެށުމުގައި ނާޒިމް އެންމެ ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމެވެ. އޭގެ ފަހުން، 30 ސެޕްޓެމްބަރު 2024 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ރައީސް އޮފީހުގެ އައު މަގާމަށް ނާޒިމް އައްޔަންކުރެއްވިއިރު، އެ އޮފީހުގެ ބައެއް މަގާމުތަކަށް މީހުން ހޯދުމަށް މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފައެވެ.

ކުއްލި ގޮތަކަށް ވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ތިން ބޭފުޅަކު ވަނީ އަލުން ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާފައެވެ. އެއީ ނާޒިމްގެ އިތުރުން، ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތާރިގް އިބްރާހީމެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް